ސުވާލާއި ޖަވާބު

1. ޖިންސީ ގޯނާގެ މައްސަލައެއް ރިޕޯޓް ކުރާނީ ކިހިނެއްތޯ؟

ޖަވާބު:

ޖިންސީ ގޯނާގެ މައްސަލައެއް ރިޕޯޓް ކުރެއްވޭނެ ތަފާތު ގޮތްތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ ފަސޭހަ ގޮތަކީ މިނިސްޓްރީގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ގުޅާލެއްވުމެވެ. މިނަމްބަރު ޤާއިމް ކުރެވިފައިވަނީ ކުޑަކުދިންނަށް ކުރާ އެކި އަނިޔާތަކާއި އިހުމާލުގެ މައްސަލަތައް ރިޕޯޓްކުރުމަށެވެ.

2. މައްސަލަ ރިޕޯޓްކުރާ ފަރާތުގެ މަޢުލޫމާތު، ކުށްކުރި ފަރާތަށް އިނގޭނެތޯ؟

ޖަވާބު:

މައްސަލަ ރިޕޯޓްކުރާ ފަރާތުގެ މަޢުލޫމާތަކީ ސިއްރު ކުރެވޭނެ މަޢުލޫމާތެކެވެ.

3. ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައި ތިބި ކުދިންނަށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ދެއްވާނެ އެހީތެރިކަމަކީ ކޮބައިތޯ؟

ޖަވާބު:

މިނިސްޓްރީގައި ތިއްބަވާ ސޯޝަލް ވަރކަރުން، އަނިޔާ ލިބިފައިވާ ކުއްޖާގެ އެސެސްމަންޓެއް ހެއްދެވުމަށް ފަހު، މައްސަލަ ހުށައެޅުއްވި ފަރާތުގެ އެހީތެރިކަމާއި އެކު، ކުއްޖާ އެޙާލަތުން އަރައިގަތުމަށް އެހީތެރިވެދެއްވާނެއެވެ. މީގެ އިތުރުން، ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ހުރި ކަމަށް ސޯޝަލް ވަރކަރަށް ފާހަގަ ކުރެވިއްޖެނަމަ، ކުއްޖާއަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް، ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެއެވެ. ޢާއިލާގެ މާޙައުލުން އެފަދަ ރައްކާތެރިކަމެއް ލިބެން ނެތް ކަމަށް ފާހަގަ ވެއްޖެނަމަ، އަމާން ވެއްޓަކަށް ކުއްޖާ ބަދަލުކުރުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖަކު ގެނެވޭނެއެވެ.

4. ކުޑަކުދިންނަށް ޖިންސީ ގޯނާ އެންމެ ގިނައިން ކުރަނީ ކޮންބައެއް ހެއްޔެވެ؟

ޖަވާބު:

ރަށްރަށާއި، އަތޮޅުތެރޭގައި ގާއިމްކޮށްފައިހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ހުށަހެޅޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތަކަށް ބަލާއރު ކުޑަކުދިންނަށް އެންމެ ގިނައިން ޖިންސީ ގޯނާ ލިބިފައިހުރިކަމަށް ފާހަގަކުރެވިފައިވަނީ އެކުދިން ދަންނަ އަދި އެކުދިންނާއި ނުވަތަ އެކުދިން ނިސްބަތްވާ އާއިލާއާއި ގުޅުން އޮތް މީހެކެވެ.

5. ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާކަން އެނގޭނަމަ ހަދާނީ ކިހިނެއް؟

ޖަވާބު:

ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާތަން ފެނިއްޖެނަމަ، ނުވަތަ އެފަދަ ގޯނާއެއް ލިބުނު ވާހަކަ ކުޑަކުއްޖަކު ބުނެފިނަމަ ނުވަތަ ކުޑަކުއްޖަކަށް މީހެއްގެ ފަރާތުން ޖިންސީ ހާނިއްކަ ލިބެމުންދާ ކަމަށް ޝައްކުކުރެވޭނަމަ އެކަމެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަގުތުން ރިޕޯޓް ކުރަންވާނެއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާތަން ފެނިއްޖެ ހިނދެއްގައި އެމީހެއްގެ ކިބައިން ކުއްޖާ ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ.

6. ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާކަން އެނގޭ ހިނދުވެސް އެކަން ނާންގައިފިނަމަ ދެންވާނީ ކިހިނެއް؟

ޖަވާބު:

ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާކަން އެނގިހުރެ އެކަން ސިއްރުކުރުމަކީ ކުށެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބުނާގޮތުން އެފަދަ ކަމެއް ސިއްރުކުރިކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ އެކަން ކުރި މީހަކު ހަ މަސް ދުވަހާއި ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

7. ކުޑަކުއްޖަކާށް މީހަކު ޖިންސީ ގޯނާ ކުރިކަން ރިޕޯރޓްކުރުމަށްފަހު އެގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވެއްޖެނަމަ ރިޕޯރޓް ކުރިފަރާތަށް އެއްވެސް އަދަބެއް ލިބޭނެހެއްޔެވެ؟

ޖަވާބު:

ކުޑަކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރާކަން އެނގި އެކަން ރިޕޯރޓްކުރާ ފަރާތުން އެކަން ކުރަނީ ޒިންމާދާރުކަމާއެކުގައި ކަމަށްވާނަމަ، އެކުށް ކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުވިކަމުގައިވިޔަސް އެކަން ރިޕޯރޓްކުރި ފަރާތަށް އެއްވެސް އަދަބެއް ނުލިބޭނެއެވެ.

8. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ރިޕޯރޓްކުރެވޭ ގިނަ މައްސަލަތަކުގައި ކުށްކުރި މީހާއަށް އަދަބު ނުލިބި ސަލާމަތްވަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު:

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތަކަކީ ޖިނާއީ އެހެން މައްސަލަތަކެކޭވެސް އެއްގޮތަށް އެކުށް ކުރިމީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިގެން ނޫނީ އެމީހަކަށް ހުކުމެއް ނީއްވޭނެ މައްސަލަތަކެކެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބޭނަމަ އެމީހަކަށް ހުކުމެއް ނައިސް ސަލާމަތްވުމުގެ ފުރުސަތު އޮންނާނެއެވެ.

9. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ގެ ސަބަބުން އެކުދިންނަށް ކިހާވަރެއްގެ އަސަރެއް ކުރާނެ ހެއްޔެވެ؟

ޖަވާބު:

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ސަބަބުން ކުރާ އަސަރު އެކި ކުދިންގެ ކިބައިން ފެންނާނީ އެކި މިންވަރަށެވެ. އެކަން ބިނާވެގެންވާނީ އެކުއްޖަކަށް ލިބުނު ގޯނާގެ ކުޑަބޮޑު މިނާއި، ގޯނާ ލިބެމުންދިޔަ މިންވަރާއި، އެކަން އެކުއްޖަކު ތަހައްމަލު ކުރަމުންދިޔަ މުއްދަތާއި އަދި މީގެ އިތުރުން ކުއްޖާގެ އުމުރާއި، ހެދިބޮޑުވުމާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރެއްގެ މައްޗަށެވެ. މިގޮތުން ޖިންސީ ގޯނާގެ ސަބަބުން ކުދިންނަށް ކުރާ އަސަރު އެކުއްޖާގެ އުމުރުން ގިނަ ދުވަސްތަކެއްވިކަމުގައިވިޔަސް ފިލައިގެން ނުގޮސްހުރުމަކީ އެކަށީގެންވާކަމެކެވެ.

10. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަށް މިހާރު އެހާބޮޑަށް އިތުރުވެފައިވަނީ ކީއްވެހެއްޔެވެ؟

ޖަވާބު:

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިހާރު އެހާބޮޑަށް އިތުރުވެފައިވާ ސީދާ ސަބަބު ކަމާގުޅޭ ދިރާސާއެއް ހެދިފައި ނެތުމުން ދެންނެވުމަކީ ދަތި ކަމެކެވެ. އެހެން ނަމަވެސް ގަބޫލުކުރެވޭ އެއްކަމަކީ ކުރިންވެސް މިފަދަ މައްސަލަތައް މުޖުތަމައުގައި ހިނގަމުންގޮސްފައި އޮންނާނެ ކަމެވެ. މިހާރު މައއްސަލަތައް އިތުރުކަމަށް އެހާބޮޑަށް ފާހަގަކުރެވެނީ މައްސަލަތައް ރިޕޯރޓްކުރެވޭ މިންވަރު އިތުރުވުމުން ކަމުގައި ވުން ގާތެވެ. މައްސަލަތައް ރިޕޯރޓް ކުރެވޭ މިންވަރު އިތުރުވުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ގަބޫލުކުރެވެނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާމެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުވުމާއި، މައްސަލަތައް ރިޕޯރޓްކުރެވޭނެ ފަސޭހަ ގޮތްތަކެއް ޤާއިމްވެފައި ހުރުމެވެ.