ތަޢާރަފް

މި ވެބްސައިޓް ފަރުމާ ކުރެވިފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ ޝަރީއަތުން ހުކުމެއް އިއްވާފައިވާ މީހުންގެ މަޢުލޫމާތު ހިމަހާފައިވާ ޑޭޓާބޭސްގެ ބޭނުން ފަސޭހައިން ޢާއްމުންނަށް ހޯދައިގަތުމަށްމަށް މަގު ފަހި ކޮށްދިނުމުގެ ގޮތުންނެވެ. މިޑޭޓާބޭސްއަކީ ޤާނޫނު ނަމްބަރު 12/2009 “ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު” ގެ 57 ވަނަ މާއްދާ ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ޤާއިމްކޮށްފައިވާ ޑޭޓާބޭސްއެކެވެ. ޑޭޓާބޭސްގައި ޢާއްމު ކޮށްފައިވާ އެންމެންނަކީވެސް، ޤާނޫނު ނަމްބަރު 12/2009 ގެ ދަށުން ޙުކުމް ކޮށްފައިވާ މީހުންނެވެ. މިޑޭޓާބޭސްގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ޤަވާޢިދު ނަންބަރު R48/2011 “ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤަވައިދު” ގެ 6 ވަނަ މާއްދާ ގައި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރުގައި ޢާއްމުކުރަން ލާޒިމް މަޢުލޫމާތުތަކެކެވެ. މި ބެބްސައިޓްގައިވާ ޑޭޓާބޭސްގައި ހިމަނާފައިވާ މަޢުލޫމާތުތައް ހޯދާ، އޭގެ ޞައްޙަކަން ޔަޤީންކޮށްފައިވަނީ، ކަމާގުޅުންހުރި ތަފާތު މުއައްސަސާތަކާ އެހީތެރިކަމާއެކުހައެވެ. މިމުއައްސަސާތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ކްރިމިނަލް ކޯޓް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތައް އަދި ރަށު ކައުންސިލް އިދާރާތައް ހިމެނެއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން، މިމުއައްސަސާތަކުން ދެއްވި އެއްބާރުލުން ބަލައިގަނެ އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަނެވެ. އަދި، މުސްތަޤްބަލުގައި ވެސް އެފަރާތްތަކުން މި މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދެއްވަނުބްގެންދަވާނެކަމަށް އުއްމީދުކުރަމެވެ. މިވެބްސައިޓް ބަލަހައްޓާ، އަޕްޑޭޓް ކުރަމުން ގެންދާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިންނެވެ.

މި ވެބްސައިޓްގައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ޑޭޓާބޭސްގެ ސަބަބުން ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެގެން ހުކުމްކޮށްފައިވާ މީހުންނާގުޅޭ މުހިއްމު މައުލޫމާތު މައިންބަފައންނަށާއި، މިކަންކަމާ ދޭތެރޭކަންބޮޑުވުންއޮތް ކޮންމެ ފަރާތަކަށް ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ. މިގޮތުން ކުށް ސާބިތުވެގެން ހުކުމްކޮށްފައިވާ މީހުން މިހާރު ތިބި ތަނަކާއި، އެމީހުންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ މުއްދަތާއި، އެ މުއްދަތު ހަމަވާ ތާރީޚް މި ވެބްސައިޓް ބައްލަވާ ބޭފުޅުންނަށް ހޯދައިގަނެވޭނެއެވެ. މި މައުލޫމާތު ހޯދުމަށްޓަކައި ކުށް ސާބިތުވެފައިވާ މީހުންގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު ނުވަތަ އެމީހަކު ނިސްބަތްވާ ރަށެއްގެ ނަން ސާރޗް ކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި ޖެއްސެވިދާނެއެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ މީހެއްގެ ގޮތުގައި މި ވެބްސައިޓްގައިވާ ޑޭޓާބޭސްގައި ހިމަނާފައިވާ މީހެއްގެ ނަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤަވައިދު ގައިވާ ގޮތުގެ މަތިން އެމީހެއްގެ ހުކުމް ތަންފީޒްކޮށް ނިމުނު ނަމަވެސް އިތުރު ދިހަ އަހަރު ވަންދެން މި ޑޭޓާބޭސް ގައި އެމީ ހެއްގެ މައުލޫމާތު ހިމެނިފައި އޮންނާނެއެވެ.

މި ވެބްސައިޓްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައުލޫ މާތު ހިމެނޭ ޑޭޓާބޭސްގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައާ ގުޅޭ ތަފާތު މައުލޫމާތާއި، ޖިންސީ ގޯނާއިން ކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ މައުލޫމާތު ލިބެން ހުންނާނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭގޮތުން އާއްމު ފަރާތްތަކުން އެންމެ ބޮޑަށް އޮޅުންފިލުވަން ބޭނުންވާނެ ކަމަށް ފެންނަ ސުވާލުތަކާއި، އޭގެ ޖަވާބުވެސް މި ވެބްސައިޓުން ފެންނަން ހުންނާނެއެވެ. މި ވެބްސައިޓްގައި ހިމެނޭ މައުލޫމާތު އިތުރަށް މުއްސަނދިކުރުމަށްޓަކައި ތިޔަ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަށް އަޅުގަނޑުމެން އަބަދުވެސް މަރުހަބާ ކިޔަމެވެ.